އިދާރަގެ ދައުރު / މައްސޫލިއްޔަތު / ވާޖިބުތަށް

ޤާނޫނުއަސާސީއާއި ޤާނޫނާއި އެއްގޮތްވާ ގޮތުގެމަތިން ރަށް ހިންގައި، ރަށް ތަރައްޤީކޮށް، މި ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރަށްވެހިކަމުގެ ޚިދުމަތްތައް ދިނުން.

ޤައުމީ ތަރައްޤީގެ ޕްލޭނާ އެއްގޮތްވާ ގޮތުގެމަތިން ރައްޔިތުންގެ ބައިވެރިވުމާއެކު ރަށުގެ ތަރައްޤީގެ ޕްލޭން އެކުލަވާލައި، ރަށުގެ ތަރައްޤީގެ ޕްލޭން ސަރުކާރުގެ ކަމާބެހޭ އިދާރާއަށް ފޮނުވުމާއި އަތޮޅު ކައުންސިލާ ހިއްސާކުރުން، އަދި ކަމާބެހޭ ޤާނޫނުގެ ދަށުން ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭން އެކުލަވާލައި ސަރުކާރުގެ ކަމާބެހޭ އިދާރާއަށް ފާސްކުރުމަށް ފޮނުވުން.

ރަށު ކައުންސިލުން އެކުލަވާލައި އަތޮޅު ކައުންސިލަށް ފޮނުވާ ތަރައްޤީގެ ޕްލޭނަށް ރިޢާޔަތްކުރެވިގެން ސަރުކާރުން އެކަށައަޅާ މަޝްރޫޢުތަކުގެ ތެރެއިން ރަށު ކައުންސިލުން ތަންފީޛުކުރުމަށް ރަށު ކައުންސިލާ ސަރުކާރުން ޙަވާލުކުރާ ތަރައްޤީގެ މަޝްރޫޢުތައް މި ޤާނޫނުގައިވާ ގޮތުގެމަތިން ތަންފީޛުކުރުން.

ތަރައްޤީގެ އެކިއެކި މަޝްރޫޢުތައް ހިނގާނުހިނގާގޮތް ބެލުމުގައި ސަރުކާރުގެ މިނިސްޓްރީތަކަށާއި އަތޮޅު ކައުންސިލަށް އެހީތެރިވެދީ، ތަރައްޤީގެ މަޝްރޫޢުތައް ތަންފީޛުކުރުމުގައި އަތޮޅު ކައުންސިލަށް ޖަވާބުދާރީވެ، މިނިސްޓްރީތަކުންނާއި އަތޮޅު ކައުންސިލުން ކަނޑައަޅާ ގޮތަކަށް ގަވާއިދުން ރިޕޯޓު ހުށަހެޅުން.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މަޝްވަރާއާއެކު، މި ޤާނޫނުގެ ދަށުން ރަށު ކައުންސިލަށް ލިބިދީފައިވާ ބާރާއި މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި ރަށު ފެންވަރުގައި އެކަށައަޅަންޖެހޭ ސިޔާސަތުތައް އެކަށައަޅައި، އެއާގުޅޭ ގަވާއިދު ހަދައި ހިންގުން.

މި ޤާނޫނުގެ ދަށުން ރަށު ކައުންސިލަށް ލިބިދީފައިވާ ބާރާއި، މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި ރަށު ރައްޔިތުންގެ ނަމުގައި ނިންމަންޖެހޭ ކަންކަން ނިންމުން.